ޢަރަބިއްޔާ ސްކޫލަށް ޚާއްޞަ ސްޓްރެޓެޖިކް ޕްލޭނިންގ ސެމިނަރ އެއް ފަށައިފި


2023-02-12

"ސްޓްރެޓެޖިކް ޕްލޭނިންގ ފޮރ އިންޓަގްރޭޓެޑް ހޮލިސްޓިކް އެޑިޔުކޭޝަން ފޮރ އަލް-މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ"ގެ ނަމުގައި 5 ދުވަހުގެ ސެމިނަރ އެއް ފަށައިފިއެވެ.

މި ސެމިނަރ ފެއްޓުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ އެވެ. މި ސެމިނަރ ކުރިއަށްދާނީ 12 ފެބްރުވަރީ އިން 16 ފެބްރުވަރީގެ ނިޔަލަށް ޢަރަބިއްޔާ ސްކޫލްގައެވެ.

މި ސެމިނަރގެ މައިގަނޑު މަޤުސަދަކީ ޢަރަބިއްޔާ ސްކޫލްގައި ދެވޭ ތަޢުލީމުގެ ފެންވަރު ރަނގަޅުކޮށް، ސްކޫލްގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމެވެ. އެ ގޮތުން މި ސެމިނަރގައި ސްކޫލްގެ ސްވޮޓް ( (SWOT އެނަލިސިސް އެއް ހަދާ، ސްކޫލްގެ ހުރި ރަނގަޅު ކަންކަމާ، އިތުރަށް ރަނގަޅުކުރެވޭނެ ކަންކަން ފާހަގަކުރެވިގެންދާނެއެވެ. އަދި ތަޢުލީމީ ނިޒާމުގެ ތެރެއަށް އިސްލާމީ ރިވެތި އާދަތައް އިންކޯޕަރޭޓް ކޮށް، ދަރިވަރުންނަކީ ތަޢުލީމީ ފެންވަރު ރަނގަޅު އަދި ރިވެތި އަޚްލާޤާއި ދިވެހި އިސްލާމީ މުޖުތަމަޢުއަށް ފައިދާހުރި ބަޔަކަށް ހެދުމުގެ މުހިންމުކަމަށް މި ސެމިނަރގައި އަލިއަޅުވާލާނެއެވެ.

މީގެ އިތުރުން ސަޖެތްރާ ސްކޫލް ފްރޭމްވަރކް އަދި މައިކްރޮސޮފްޓް ޝޯކޭސް ސްކޫލް ފަދަ ކޮންސެޕްޓްތަކާއެކު ޢަރަބިއްޔާ ސްކޫލްގެ ކިޔެވުމާއި ކިޔަވައިދިނުމުގެ ތެރެއަށް އުފެއްދުންތެރި ޚިޔާލުތައް ތަޢާރަފްކުރެވިގެންދާނެއެވެ.

ޢަރަބިއްޔާ ސްކޫލްގެ 45 ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާ މި ސެމިނަރގެ ސެޝަންތައް ނަންގަވައިދެއްވަނީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާ (IIUM) ގެ އިސްބޭފުޅުން ހިމެނޭ ޓީމަކުންނެވެ. އޭގެ ތެރޭގައި އެ ޔުނިވަރސިޓީގެ ރެކްޓަރ ޕްރޮފެސަރ ޒުލްކިފްލީ ޢަބްދުލް ރަޒާކް ވެސް ހިމެނިވަޑައިގަންނަވައެވެ.