"ދަ ލީޑަރ އިން މީ" ގެ ނަމުގައި ވެލިއު އެޑިޔުކޭޝަން ޕްރޮގްރާމެއް އިފުތިތާހު ކޮށްފިއެވެ. މި ޕްރޮގްރާމް އިފުތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު، ތާޖުއްދީން ސްކޫލުގައެވެ.
ދަރިވަރުންގެ ގައިގައި ރިވެތި އަޚްލާޤާއި ދިވެހި އިސްލާމީ މުޖުތަމަޢުއަށް ފައިދާހުރި ކުއްޖަކަށްވުމަށް ބޭނުންވާ އަގުތައް އަށަގެންނެވުމަށް އަމާޒުކޮށް ފެށި މިޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ ޤައުމީ މަންހަޖުގައި ހިމެނިފައިވާ އަގުތައް ދަރިވަރުންގެ ގައިގައި އަށަގެންނެވުމަށް ސްކޫލުގެ ތެރެއިން ކުރެވޭ މަސައްކަތްތަކަށް އިތުރަށް ބާރު އެޅުމެވެ.
މި ޕްރޮގްރާމް އަމާޒުކުރެވިފައިވަނީ ރާއްޖޭގެ ސްކޫލުތަކުގެ ގްރޭޑް 9-12 ގެ ދަރިވަރުންނަށެވެ. މި ޕްރޮގްރާމްގެ ސެޝަންތައް ފެސިލިޓޭޓް ކޮށްދެއްވަނީ ރާއްޖޭގައި ފާހަގަކޮށްލެވޭ ވާހަކަދެއްކުންތެރިން އަދި ލައިފް ކޯޗުން ކަމަށްވާ އަލްފާޟިލް މަސްއޫދު ޢަލީ އަދި އަލްފާޟިލް ހުޞައިން އަފީފް އެވެ. މި ބޭފުޅުން އަތޮޅު ތެރެއަށް ވަޑައިގެން އެކި ރަށްރަށުގެ ސްކޫލުތަކުގައިވެސް މި ސެޝަންތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.