މުދައްރިސުން ތަމްރީނުކުރާ ކޯސްތަކުގައި ބޭނުންކުރުމަށް ދިވެހިބަހުން ރިފަރެންސް ފޮތް ލިޔުމުގެ މަސައްކަތްކުރުމަށް ކޮންސަލްޓެންޓުންނާ ޙަވާލުކޮށްފި


2022-10-02

މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަރމަންޓް ޕްރޮޖެކްޓް "މޯލްޑިވްސް ލޭމްޕް" ގެ ދަށުން ރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދޭ މުޢައްސަސާތަކުގައި ދިވެހިބަހުން ހިންގާ މުދައްރިސުން ތަމްރީނުކުރާ ކޯސްތަކުގައި ބޭނުންކުރުމަށް ދިވެހިބަހުން ރިފަރެންސް ފޮތް ލިޔުމުގެ މަސައްކަތްކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކޮންސަލްޓަންޓް އުޞޫލުން އިތުރު 2 ފަރާތަކާ ޙަވާލުކޮށްފިއެވެ. މި މަސައްކަތް ޙަވާލުކުރެވިފައިވަނީ ޑރ. މުޙައްމަދު ޢުމަރާއި ޑރ. މަރިޔަމް ޝަރީފާ އާ އެވެ. މި މަސައްކަތްކުރުމަށް ނިމިގެން ދިޔަ ސެޕްޓެންބަރު މަހު 4 ފަރާތަކަށް މި މަސައްކަތް ޙަވާލުކޮށްފައިވެއެވެ.

މި މަސައްކަތަކީ މޯލްޑިވްސް ލޭމްޕް ގެ ދަށުން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން މުދައްރިސުން ތަމްރީނުކުރާ ކޯސްތަކުގެ ފެންވަރު އިތުރަށް ޙަރުދަނާކުރުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތެކެވެ.

"މޯލްޑިވްސް ލޭމްޕް" އަކީ ގްލޯބަލް ޕަރޓްނަރޝިޕް ފޮރ އެޑިޔުކޭޝަން (ޖީ.ޕީ.އީ) ގެ ހިލޭ އެހީގެ ދަށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ޤާއިމުވެފައިވާ ޕްރޮޖެކްޓެކެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއެކު މި ޕްރޮޖެކްޓުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ޙިއްޞާވެއެވެ.