"މަތީ އަރުތަވެރީންގެ އިނާމު 2020-2021" ޖަލްސާ ބާއްވައިފި


2022-08-25

2020-2021 ވަނަ އަހަރުގެ ޘާނަވީ އަދި މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ޙާޞިލުކުރި ދަރިވަރުންނަށް "މަތީ އަރުތަވެރީންގެ އިނާމު" ދިނުމުގެ ޖަލްސާ ބާއްވައިފިއެވެ.ދެރެއަކަށް ބަހާލައިގެން، އޮގަސްޓު މަހުގެ 24 އަދި 25 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައި ކުރިއަށްދިޔަ މި ދެ ޖަލްސާ ވެސް ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ.

 އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙުމަދު ބައިވެރިވެ ވަޑައިގަންނަވައެވެ. މީގެ އިތުރުން ނައިބު ރައީސް ފައިޞަލް ނަސީމް، އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ އަދި ކެބިނެޓްގެ ވަޒީރުންނާއި ސަރުކާރުގެ އިސްބޭފުޅުން މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވައެވެ.

2020-2021 ވަނަ ދިރާސީ އަހަރު ޘާނަވީ ތަޢުލީމު ނިންމައި، ދިވެހިރާއްޖެއިން 5955 ދަރިވަރުން ވަނީ އެސް.އެސް.ސީ އަދި އޯލެވެލް އިމްތިޙާނުތަކުގައި ބައިވެރިވެފައެވެ. އަދި މަތީ ޘާނަވީ ތަޢުލީމު ނިންމައި، ދިވެހިރާއްޖެއިން 2641 ދަރިވަރުން ވަނީ އެޗް.އެސް.ސީ އަދި އޭލެވެލް އިމްތިހާނުތަކުގައި ބައިވެރިވެފައެވެ.

2020 – 2021 ވަނަ ދިރާސީ އަހަރަކީ ދިވެހި ތަޢުލީމީ ތާރިޚުގައިވަރަށް ފާހަގަ ކޮށްލެވޭ އަހަރެކެވެ. މިއީ ދަރިވަރުންނާއި ޓީޗަރުން އަދިސްކޫލް މެނޭޖްމަންޓްތަކާއި ޕްރިންސިޕަލުންގެ ހިތްވަރާއި ބެލެނެވެރިންގެފަންވަރާއެކު، ދިވެހި ތާރީޚުގައި އެންމެ ގިނަ ދަރިވަރުން ޘާނަވީ އަދި މަތީޘާނަވީގެ ގަދަ 10 ވަނަ ހޯދި އަހަރެވެ. އެގޮތުން ޘާނަވީ އިމްތިޙާނުތައް ނިންމިދަރިވަރުންގެ ތެރެއިން 757 ދަރިވަރުން ވަނީ ޤައުމީ ގަދަ 10 ގައި ހިމެނިފައެވެ.އަދި،  13ދަރިވަރަކު ވަކިވަކިމާއްދާތަކުން ދުނިޔޭގެ ގަދަ 10 ގައި ހިމެނިފައިވާ އިރު، 6 ދަރިވަރަކު ވަނީ ހައި އެޗީވްމަންޓް އެވޯޑް ޙާޞިލުކޮށްފައެވެ.

މަތީ ޘާނަވީ އިމްތިޙާނުތައްނިންމި ދަރިވަރުންގެ ތެރެއިން 348 ދަރިވަރަކު ޤައުމީ ގަދަ 10 ގައި ހިމެނިފައިވާއިރު، 41 ދަރިވަރަކު ވަނީ ވަކިވަކި މާއްދާތަކުން ދުނިޔޭގެއެންމެ މޮޅު 10 ވަނައިގެ ތެރެއިން ތެރެއިން 52 ވަނައެއް ޙާޞިލުކޮށްފައެވެ.