ހެލްތް ޕްރޮމޯޓިންގ ސްކޫލް ކޮންފަރެންސް، ނައިބު ރައީސް ފައިޞަލް ނަސީމް ފައްޓަވައިދެއްވައިފި


2022-08-23

ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ހިމެނޭ އެންމެހާ މަރުޙަލާތައް ކިޔަވައިދޭ ސްކޫލުތަކުގައި ދުޅަހެޔޮ ސިއްޙަތަކަށް ފަހި މާހައުލެއް ޤާއިމުކުރުމަށް ތަޢުލީމުގެ ޤާނޫނު (2020/24) ލާޒިމުކުރެއެވެ. މި ލަނޑުދަނޑިއަށް ވާޞިލުވުމަށްޓަކައި މިމިނިސްޓްރީން ދަނީ ކަމާ ގުޅުންހުރި މުވައްސަސާތަކާއި ޖަމިއްޔާތަކާއި އެކު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިގޮތުން މި މިނިސްޓްރީއާއި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ އިން ގުޅިގެން، ތާޖުއްދީން ސްކޫލުގެ އެހީތެރިކަމާ އެކު ރާއްޖޭގައި ކުރިއަށް ގެންދާ އެންމެ ފުރަތަމަ "ހެލްތް ޕްރޮމޯޓިންގ ސްކޫލް ކޮންފަރެންސް" މިއަދު މިވަނީ ފަށާފައެވެ.          މި ކޮންފަރެންސްގެ މައިގަނޑު މަޤުސަދަކީ ހެލްތް ޕްރޮމޯޓިންގ ސްކޫލް ޕޮލިސީ ތަންފީޒުކުރުމަށް ބާރުއެޅުމާއި،ކޮންފަރެންސްގައި ބައިވެރިވާ ސްކޫލުތަކުގައި ހެލްތް ޕްރޮމޯޓިންގ ސްކޫލުގެ ޑައިމެންޝަންތަކަށް ކޮށްފައިވާ މަސައްކަތްތައް ޙިއްޞާކުރުމާއި ސްކޫލުތަކުގެ މެދުގައި ތަޖުރިބާތައް ޙިއްޞާކުރުމެވެ.

މި ކޮންފަރެންސްގެ ތީމް އަކީ:

"Sustain (good practices), Embrace (Innovations) and Accelerate (Progress)"

މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ 2022 އޮގަސްޓް 25 އަދި 27 ގައި ތާޖުއްދީން ސްކޫލުގައެވެ. މިކޮންފަރެންސްގައި ބައިވެރިވަނީ މާލެ ސަރަޙައްދުގެ 17 ސްކޫލަކުން މުވައްޒަފުން، ދަރިވަރުން އަދި ބެލެނިވެރިން ހިމެނޭ ގޮތަށް ޖުމްލަ 136 ބައިވެރިންނެވެ. މީގެ އިތުރުން އަތޮޅުތެރެއިން ޖުމްލަ 79 ސްކޫލެއް އޮންލައިންކޮށް އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވާނެއެވެ. އަދި ރާއްޖޭގައި ސިއްޙަތާއި ދަރިވަރުންގެ ރައްކާތެރިކަމަށް މަސައްކަތްކުރަން ހަރަކާތްތެރިވާ ތަފާތު އެންޖީއޯތަކުންވެސް އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވާނެއެވެ.