"ޗިއަރިންގ-އަޕް ސްޓޫޑެންޓްސް- ބިޔޯންޑް ކޮވިޑް-19 އެކްޓިވިޓީ" ގެ ނަމުގައި ކުރިއަށް ގެންދިޔަ ކުރެހުމުގެ މުބާރާތުގެނަތީޖާ އިއުލާނުކޮށް ވަނަތައް ޙާޞިލްކުރި ފަރާތްތަކަށް ސެޓްފިކެޓާއި، އިނާމް އަދި ޝީލްޑާ ޓްރޮފީ މިނިސްޓްރީ އޮފް އެޑިޔުކެޝަނާ ހަވާލުކޮށްފި އެވެ.
ރާއްޖޭގައި ހުންނަ ޖެޕެނީސް އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) އާއި ޖައިކާ އެލަމްނައި ސޮސައިޓީ އޮފް މޯލްޑިވްސް (ޖޭ.އޭ.އެސް.އެމް) ގުޅިގެން ރާއްޖޭގެ ސްކޫލްތަކަށް ހުޅުވާލި މި މުބާރާތަކީ ކޯވިޑްއާއި ގުޅިގެން ސްކޫލްތައް ބަންދުވެ ދަރިވަރުން ގޭގައި ދުވަސްތަކެއްވަންދެއް ތިބެން ޖެހުމަށްފަހު އަލުން ސްކޫލްތައް ހުޅުވާލި އިރު ހިތްވަރު އާކޮށްދީ އަދި ކޮވިޑް ފަދަ ބަލިމަޑުކަންކަމުން ސަލާމަތްވުމުގައި ޢައްމު ސާފުތާހިރުކަމަށް ހިއްވަރުދީ ހޭލުންތެރިކުރުވުމުގެ ގޮތުން ކުރިޔަށް ގެންދެވުނކުރެހުމުގެ މުބާރާތެކެވެ.
ކީސްޓޭޖް 1 އާއި 2 އަށް މުބާރާތް ޚާއްޞަކޮށްފައިވަނީ 'ހައިޖީން އެވެއާނަސް' މި ސުރުޚީއެވެ. އަދި ކީސްޓޭޖް 3،4 އަށް ޚާއްޞަކޮށްފައިވާ ސުރުޚީ އަކީ 'ބިޔޯންޑް ކޯވިޑް-19، ބިލްޑް ބެކް ބެޓަރ' މި ސުރުޚީއެވެ.
ޖައިކާ އަކީ ރާއްޖޭގެ ސްކޫލްތަކަށް ވޮލަންޓިއަރުން ފޮނުވައިގެން ޕީ.އީ މާއްދާ ކިޔަވައިދިނުމުގައި ޚާއްޞައެހީތެރިކަމެއް ފޯރުކޮށްދެއްވަމުންދާ ޖަމާޢަތަކަށް ވާތީއާއެކު ޖައިކާ އިން ހުޅުވާލި މި ޕްރޮގްރާމްގައި ދެވަނަ ޙަރަކާތަކަށް ކުރިޔަށް ގެންދިޔައީ 'އެންޖޯއިން އެކްސަސައިޒް' މި ސުރުހީގެ ދަށުން ރާއްޖޭގެ ސްކޫލް ތަކުގައި ޕީ.އީ ކުރިޔަށް ގެންދެވޭގޮތް ދައްކުވައިދޭ ވީޑިއޯ ކްލިޕެއް ތައްޔާރުކޮށް ހުށަހެޅުމެވެ.
މި ޙަފްލާ ޝަރަފްވެރިކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ރަޝީދު އަޙްމަދެވެ. އިނާމުތައް އެޑިޔުކޭޝަން މިނިސްޓްރީ އާއި ޙަވާލުކޮށްދެއްވީ ޖައިކާގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް މރ. ކަވަސަކީ މިޓްސުޔާޝީ އެވެ.
- ކުރެހުމުގެ މުބާރާތުން ކީސްޓޭޖް 1 އިން އެއްވަނަ ޙާޞިލްކުރީ : ސީނު މަރަދޫ ސްކޫލް ގެ ގްރޭޑް 2 ގެ ދަރިވަރު އާމިނަތު އެލީނާ މުހައިމިން އެވެ.
- ކުރެހުމުގެ މުބާރާތުން ކީސްޓޭޖް 2 އިން އެއްވަނަ ޙާޞިލްކުރީ : ބ. އަތޮޅު މަދަރުސާގެ ގްރޭޑް 5 ގެ ދަރިވަރު ފާތިމަތު ސާޔާ ޙަސަން ސިމްރާޙު އެވެ.
- ކުރެހުމުގެ މުބާރާތުން ކީސްޓޭޖް 3 އިން އެއްވަނަ ޙާޞިލްކުރީ : ގދ. އަތޮޅު ތަޢުލީމީމަރުކަޒުގެ ގްރޭޑް 7 ގެ ދަރިވަރު މަރިޔަމް ޒާޔަން ޙުސައިން ޢަލީ އެވެ.
- ޕީ.އީ ވީޑިއޯ ކޮމްޕެޓިޝަން ގެ 1 ވަނަ ހޯދާފައިވަނީ ތާޖުއްދީން ސްކޫލެވެ. އަދި 2 ވަނަ ގދ.ތިނަދޫ އަބޫ ބަކުރު ސްކޫލެވެ. އަދި 3 ވަނަ އަމީނިއްޔާ ސްކޫލެވެ.
ކުރެހުމުގެ މުބާރާތުން 1 ވަނަ 2 ވަނަ 3 ވަނަ އަށް އައި ދަރިވަރުންގެ އިތުރުން ކީސްޓޭޖް ކޮންމެ ކީސްޓޭޖަކުންވެސް އެންމެ ފާހަގަކޮށްލެވުނު ކުރެހުންތަކަށް ސެޓްފިކެޓް ދިނުމަށް ޖައިކާއިން ނިންމާފައިވެއެވެ. ޕީ.އީ ވީޑިއޯ މުބާރާތުން ވަނަތައް ޙާޞިލްކުރި ސްކޫތަކަށް ދަރިވަރުންނަށް ޕީ.އީ މާއްދާ ކިޔަވައިދިނުމަށް ބޭނުންކުރުމަށް އެހީތެރިވެދޭ އައިޓަމްތައް ޖައިކާގެ ފަރާތުން އިނާމުގެ ގޮތުގައި ހުށަހަޅުއްވާފައިވެއެވެ.
ޖައިކާ އިން ދަނީ އެޑިޔުކޭޝަން މިނިސްޓްރީ އަށް ތަފާތު ރޮނގުތަކުން އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެއްވަމުންނެވެ. އަދި މިކަން ފާހަގަކޮށް މި ޙަފްލާގައި އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ރަޝީދު ވަނީ ޖައިކާއަށާއި ޖަޕާން ސަރުކާރަށް ޝުކުރު ދަންނަވާފައެވެ. އަދި މިފަދަ ޙަރކާތްތައް ސްކޫލްދަރިވަރުންގެ މެދުގައި ކުރިޔަށް އޮތްތާނގައިވެސް ޖައިކާގެ ފަރާތުން ކުރިޔަށް ގެންގޮސް ދެއްވާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.