ޓީޗަރުންނާއި، ޓީޗަރުން ތަމްރީންކުރައްވާ ފަރާތްތަކަށް އަމާޒުކޮށްގެން ކެޕޭސިޓީ ބިލްޑިންގ ތަމްރީން ޕްރޮގްރާމެއް ފައްޓަވައިފި. ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނާއި، ކޮމަންވެލްތް އެޑިޔުކޭޝަން މީޑިއާ ސެންޓަރ ފޮރ އޭޝިއާ ( ސެމްކާ) ގުޅިގެން އިންތިޒާމްކޮށްފައިވާ މި ތަމްރީން ޕްރޮގްރާމް ކުރިއަށްދަނީ ވަރޗުއަލް ލެބޯރެޓަރީގައެވެ.
މި ތަމްރީން ޕްރޮގްރާމްގެ މަގުސަދަކީ ޓީޗަރުންނާއި، ޓީޗަރުން ތަމްރީންކުރައްވާ ފަރާތްތައް، އިންޓަރނެޓް މެދުވެރިކޮށް ކުރިއަށްގެންދެވޭ އެކްސްޕެރިމެންޓްތަކަށް އަހުލުވެރި ކުރުވުމާއި، ވަރޗުއަލް ލެބޯރެޓަރީ ބޭނުންކުރަން ދަސްކޮށްދިނުމާއި، ކިޔަވައިދިނުމުގައި މިކަންކަން އެންމެ އެދެވޭ ގޮތެއްގައި ހިމެނުމަށް ދަސްކޮށްދިނުމެވެ.
މި ތަމްރީން ޕްރޮގްރާމްގައި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން ހިމެނޭ ގޮތުން ރާއްޖޭގެ އެކި ސްކޫލްތަކުން 270 ޓީޗަރުން ބައިވެރިވެ ވަޑައިގަންނަވައެވެ.
3 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމްގައި ކިޔަވައިދެއްވަނީ، ކޮމަންވެލްތް އެޑިޔުކޭޝަން މީޑިއާ ސެންޓަރ ފޮރ އޭޝިއާ ( ސެމްކާ)ގެ ތަޖުރިބާ ކާރުންނެވެ.