ޓީޗަރުންގެ އައިސީޓީ ޤާބިލްކަން ހުންނަންވާ މިންގަނޑު އެކަށައެޅުމަށް ބާއްވާ ފުރަތަމަ މަސައްކަތު ބައްދަލުވުން މިއަދު ފައްޓަވައިފި. މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އިންތިޒާމް ކުރައްވައިގެން ކުރިއަށް ގެންދަވާ މި މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހް ޖަމާލެވެ. މިމަސައްކަތު މިބައްދަލުވުން ކުރިއަށްދާނީ ޔުނެސްކޯގެ ފަންނީ އެހީތެރިކަމާއިއެކުގައެވެ. ޔުނެސްކޯއިން ދަނީ ޓީޗަރުންގެ އައިސީޓީ ޤާބިލުކަން އިތުރުކުރުމަށްޓަކާ ރާއްޖޭގެ އިތުރުންވެސް މެމްބަރު އެހެން ޤައުމުތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން މި މަސައްކަތު ބައްދަލުވުމުގައި ޔުނެސްކޯގެ ފަރާތުން ތިން ބޭފުޅަކު ބައިވެރިވެ ވަޑައިގަންނަވައެވެ.
އޭގެ އިތުރުން މި ބައްދުލުވުން ކުރިއަށް ދާނީ ރާއްޖޭގެ އެކިކަންކޮޅުތަކުން ޓީޗަރުންނާއި، ޕްރިންސިޕަލުނާއި، މުދައްރިސުން ތަމްރީނުކުރާ ފަރާތްތައް އަދި ޓެކްނޯލޮޖީ ވުޒާރާގެ ބޭފުޅުންގެ ހިއްސާވުން ހިމެނޭ ގޮތަށެވެ.
މި މަސައްކަތު ބައްދަލުވުން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ މެއި މަހުގެ ދެވަނަ ދުވަހާ ހަމައަށެވެ.