ދަރިވަރުންގެ ރައްކައުތެރިކަން ކަށަވަރުކުރުމަށް ސްކޫލްތަކުގައި އިތުރު މަސައްކަތްތަކެއް ކުރެވެނީ


2017-07-20

ރާއްޖޭގެ ސްކޫލްތަކުގައި ދަރިވަރުންގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން މިހާތަނަށް 41 ސްކޫލެއްގައި ފަޔާ ޑްރިލްތައް ކުރިއަށް ގެންގޮސްފި އެވެ.

އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް އާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ރެޑް ކްރެސެންޓް އާއި ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން 2016 ވަނަ އަހަރު މާލެ އާއި އަތޮޅުތެރޭގެ 24 ސްކޫލެއްގައި ފަޔާ ޑްރިލްތައް ބޭއްވި ދަރިވަރުންނާއި މުވައްޒަފުން ތަމްރީނުކުރެވިފައި ވެއެވެ. މި މަސައްކަތުގެ ދަށުން ސްކޫލަކަށް ދިމާވާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިއްވުމުގެ ނިޒާމް ބޭނުންކުރަންވީ ގޮތުގެ މައުލޫމާތާއި ތަމްރީންގެ އިތުރުން، ސްކޫލްގެ އެމަޖެންސީ އޮޕަރޭޝަން ޕްލޭން ގެ ދަށުން އެފަދަ ހާދިސާއެއް ދިމާވެއްޖެ ނަމަ ކަންތައް ކުރަންވީ ގޮތާއި ބެހޭ ގޮތުން މި ސްކޫލްތަކުގެ މުވައްޒަފުންނަށް ވަނީ ހޭލުންތެރިކުރުވުމުގެ ތަމްރީނުތައް ދީފަ އެވެ.

މީގެއިތުރުން، އެމްއެންޑީއެފް އާއި ދިވެހި ރެޑް ކްރެސެންޓް އާއި ގުޅިގެން ސްކޫލްތަކުގައި ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތަކާއި، ފުރަތަމަ ފަރުވާ އާއި ބެހޭ ގޮތުން 18 ސްކޫލެއްގެ މުވައްޒަފުންނަށް 2016 ވަނަ އަހަރު ވަނީ ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފަ އެވެ.

ސްކޫލްތަކުގައި ދަރިވަރުންގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރު ކުރުމަށް ކަމާއި ބެހޭ އިދާރާތަކާއި ގުޅިގެން މި އަހަރުގެ ތެރޭގައި ވެސް މިނިސްޓްރީން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 17 ސްކޫލެއްގައި ދެ ދަންފަޅިއަށް ފަޔާ ޑްރިލް ބޭއްވިފައި ވެއެވެ. މިއަހަރުގެ ތަމްރީނުތަކުގައި ސްކޫލަކަށް ދިމާވާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިއްވުމުގެ ނިޒާމް ބޭނުންކުރަންވީ ގޮތުގެ މައުލޫމާތާއި ތަމްރީން މި ސްކޫލްތަކުގެ 1299 މުވައްޒަފަކަށް ދީފައިވާ އިރު، ސްކޫލްގެ އެމަޖެންސީ އޮޕަރޭޝަން ޕްލޭން ގެ ދަށުން އެފަދަ ހާދިސާއެއް ދިމާވެއްޖެ ނަމަ ކަންތައް ކުރަންވީ ގޮތާއި ބެހޭ ހޭލުންތެރިކުރުވުމުގެ ތަމްރީނުތަކުގައި 1434 މުވައްޒަފަކު ވަނީ ތަމްރީނުކޮށްފަ އެވެ.

މިއަހަރު ސްކޫލްތަކުގައި ކުރިއަށް ގެންދެވުނު އިތުރު ތަމްރީނުތަކުގެ ތެރޭގައި ސްކޫލްތަކުގައި ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ތަމްރީނު 240 މުވައްޒަފަކަށް ދީފައިވާ އިރު، ފުރަތަމަ ފަރުވާ އާއި ބެހޭ ތަމްރީނު 180 މުވައްޒަފަކަށް އަދި ފުރަތަމަ ފަރުވާ އާއި ބެހޭ ގޮތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްގައި 212 މުވައްޒަފަކު ވަނީ ތަމްރީނުވެފަ އެވެ.

މި މަސައްކަތުގެ ދަށުން މިއަދު ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ)ގައި ވަނީ ފަޔާ ޑްރިލް ކުރިއަށް ގެންގޮސްފަ އެވެ. 1018 ދަރިވަރުން ތައުލީމް ހާސިލްކުރަމުން އަންނަ ސީއެޗްއެސްއީގައި މިއަދު މެންދުރު ފަހު ދަންފަޅީގައި ވެސް ފަޔާ ޑްރިލް އެއް ކުރިއަށްގެން ދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.

ކުޅިވަރާއި ސިއްހަތާއި، ދަރިވަރުންގެ ސަލާމަތާއި ރައްކައުތެރިކަމާއި، ކައުންސެލިންގެ ހާއްސަ ވަސީލަތްތައް ސްކޫލްތަކުގައި ގާއިމްކުރުމުގެ ސިޔާސަތުގެ ދަށުން ތައުލީމީ ދާއިރާގައި ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފަ އެވެ.

އެގޮތުން ކާރިސާތަކުން ސަލާމަތްވުމަށް ރާއްޖޭގެހުރިހާސްކޫލެއްގައިއިމަޖެންސީ އޮޕަރޭޝަން ޕްލޭން ތައްޔާރުކުރެވިފައި ވާ އިރު، ދަރިވަރުން ސަލާމަތާއި ރައްކައުތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ޗައިލްޑް ޕްރޮޓެކްޝަން ޕޮލިސީ އެއް ތައްޔާރުކުރެވި އަމަލުކުރަން ވަނީ ފަށާފައެވެ. އަދި ސްކޫލްތަކަކީ ވަސީލަތް ހަމަ އަދި ދަރިވަރުންނަށް ރައްކައުތެރި ތަނަކަށް ހެދުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އަލިފާން ނިއްވުމުގެ ނިޒާމް ހަރުކޮށްފައިވާ އިރު، ގްރޭޑް 1 ދަރިވަރުންގެ ހެލްތު ސްކްރީނިން ޕްރޮގްރާމްގެ ދަށުން 2014، 2015 އަދި 2016 ވަނަ އަހަރު ކާމިޔާބު ކަމާއި އެކު ޕްރޮގްރާމް ހިންގައި 17161 ދަރިވަރުން ސްކްރީން ކުރެވިފައި ވެއެވެ.