"ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަށް ބޭނުންވާ ޓީޗަރުން މިއަހަރު ރާއްޖޭގެ ހުރިހާ ސްކޫލަކަށް ހަމަޖެހިގެންދާނެ"


2017-02-06

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަށް ބޭނުންވާ ޓީޗަރުން މިއަހަރު ރާއްޖޭގެ ހުރިހާ ސްކޫލަކަށް ހަމަޖެހިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް‏ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި، ވޭތުވެދިޔަ 2016 ވަނަ އަހަރު ތަޢުލީމީ ދާއިރާއިން ލިބުނު އެންމެ ބޮޑު އެއްކާމިޔާބީއަކީ އޯލެވެލް އިމްތިޙާނާއި، އެސް.އެސް.ސީ އިމްތިޙާނުން ކޮންމެ 10 ކުއްޖެއްގެ ތެރެއިން 7 ކުއްޖެއް 5 މާއްދާއިން ފާސްވެފައިވުން ކަމަށް ވިދާޅުވި އެވެ. އަދި މިއީ، ޤައުމީ މިންގަނޑުން ހާސިލުކުރުމަށް ކަނޑައެޅިފައިވާ %60 ގެ ލަނޑުދަނޑި ހާސިލުކުރެވުނު ފުރަތަމަ ފަހަރު ކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ، ސްކޫލް ތަޢުލީމުގެ ރަސްމީ ބައެއްގެ ގޮތަށް ޕްރީ-ސްކޫލް ތަޢުލީމު ކަނޑައަޅައި، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ޕްރީ-ސްކޫލް ތަޢުލީމު ހިލޭ ފޯރުކޮށްދޭން މިހާރު ފަށާފައިވާ ކަމަށެވެ. އެހެންކަމުން، ބައިނަލްއަޤްވާމީ ތަޢުލީމުގެ އެޖެންޑާގައި، 2030 ވަނަ އަހަރު ހާސިލުކުރުމަށް އެއްބަސްވެފައިވާ އެއް އަހަރު ދުވަހުގެ ހިލޭ ޕްރީ-ސްކޫލް ތަޢުލީމަށްވުރެ، މި މަރުޙަލާގެ ތަޢުލީމު ފުޅާކޮށް، 2016 ވަނަ އަހަރު ރާއްޖެ މި ލަނޑުދަނޑި ހާސިލުކޮށްފައިވާކަން އެކަމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި، ސްކޫލް އުމުރުފުރާގެ އެންމެ ކުއްޖަކުވެސް ބާކީނުކޮށް، އެކުދިންގެ ޤާބިލިއްޔަތުކަމާއި ހުނަރާއި ބޭނުންތައް ދެނެގަނެ، ތަޢުލީމުގެ ނިޒާމަށް ގެނެވުނު ބަދަލާއެކު، ރާއްޖޭގެ ތަފާތު ޞިނާޢަތްތަކަށް ބޭނުންވާ މަސައްކަތްތަކާއި، ހުނަރު އުނގަންނައިދިނުމުގެ މަސައްކަތްތެރިކަމުގެ ސްޓްރީމްގައި މިހާރު 40 އިންސައްތަ ކުދިން ކިޔަވަމުންދާކަން ފާހަގަކުރެއްވި އެވެ.