ޓީޗަރުންގެ އިނގިރޭސި ބަހުގެ ފެންވަރު މަތިކުރުމަށް މުހިއްމު މަޝްވަރާތަކެއް 'އީ.އެފް' އާއި އެކު!


2017-01-30

އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު ޝިހާމް މިމަހުގެ 24 ވަނަ ދުވަހުން 28 ވަނަ ދުވަހަށް އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރުފުޅުގައި، މިމަހުގެ 27 ވަނަ ދުވަހު އިނގިރޭސި ވިލާތުގެ ޗެލްސީގައި ހުންނަ "އެޑިއުކޭޝަން ފަސްޓް" (އީ.އެފް) ގެ އިސްފަރާތްތަކާއި ބައްދަލުކުރައްވައިފި އެވެ.

އީ.އެފް އަކީ ދުނިޔޭގެ އެންމެ ބޮޑު ޕްރައިވެޓް އެޑިއުކޭޝަން ކުންފުންޏެވެ. 1965 ވަނަ އަހަރު ވުޖޫދުވެފައިވާ މި ކުންފުންޏަކީ މިހާރުވެސް 50 ގައުމެއްގައި 500 ސްކޫލް ހިންގަމުންއަންނަ ކުންފުންޏެކެވެ. 43500 އަށްވުރެ ގިނަ މުއައްޒަފުން އެކުންފުންޏަށް ނިސްބަތްވާ އީ.އެފް ގެ 15 ގްލޯބަލް ޑިވިޝަންތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާއިރު، އެތައް މިލިއަން ދަރިވަރުންނަކަށް ވޯރލްޑް ކްލާސް ތައުލީމު ފޯރުކޮށްދިނުމުގައި މި ކުންފުނިންދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އީ.އެފް ގައި ކިޔަވާދިނުމަށް 300އަށް ވުރެ ގިނަ ލިންގުއިސްޓުންނާއި، ޑިޒައިނަރުން އަދި ޑިވެލޮޕަރުންނާއި، ޓީޗަރ ޓްރެއިނަރުން ހަރަކާތްތެރިވެ އެވެ.

އީ.އެފް ގެ ޚާއްސިއްޔަތަކަށް ވެފައިވަނީ ޓެކްނޮލޮޖީގެ އެހީގައި ބަހެއް އުނގެނުމަށް ބޭނުންކުރެވޭ ގޮތްތައް އިތުރަށް ތަރައްގީކުރުމެވެ.

އީ.އެފްގެ އިސްވެރިންނާއިއެކު މިނިސްޓަރ ކުރެއްވި މަޝްވަރާތަކުގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ދިވެހި، އިސްލާމް، ޤުރުއާން އަދި އަރަބި ބަސް ނޫން އެހެން ހުރިހާ މާއްދާތަކަކީ އިނގިރޭސި ބަހުން ކިޔަވައިދޭ މާއްދާތަކަށްވާތީ، ހުރިހާ މާއްދާއެއްގެ ނަތީޖާ ރަނގަޅުކުރުމަށްޓަކައި ޓީޗަރުންނާއި ދަރިވަރުންގެ އިނގިރޭސި ބަހުގެ ފެންވަރު ރަނގަޅުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ފާހަގަކުރެއްވި އެވެ.

ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރުމަށްޓަކައި މުދައްރިއްސުން ފުރިހަމަ ރީތި އިނގިރޭސިބަހުން މުއާމަލާތުކުރުމަށް އިތުރަށް ތަމްރީނުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ގަބޫލުރައްވާކަމަށާއި، އިނގިރޭސި ބަސް ކިޔަވައިދެއްވާ ޓީޗަރުންގެ އިތުރުން ދިވެހި، އިސްލާމް، ޤުރުއާން އަދި އަރަބި ބަސް ފިޔަވާ އެހެން ހުރިހާ މާއްދާއެއް ކިޔަވައިދެއްވާ ޓީޗަރުން ތަމްރީނުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއާއި އީ.އެފް އާއި ގުޅިގެން ހިންގުމަށް މަޝްވަރާކުރެވި ޕްލޭން ކުރެވިފައިވާ ތަމްރީނު ޕްރޮގްރާމްތަކާއި ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ. އަދި މި ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލް އީ.އެފް ގެ ފަރާތުން މިނިސްޓަރ އާއި ހިއްސާކުރެއްވި އެވެ.

އިނގިރޭސި ވިލާތުގެ ޗެލްސީގައި ހުންނަ އީ.އެފް ގެ މައި އޮފީހުގައި އޮތް މި މަޝްވަރާތަކަށްފަހު، އީ.އެފް ގެ މައި އޮފީސް މިނިސްޓަރ ބައްލަވާލެއްވި އެވެ. އަދި އެއަށްފަހު އީ.އެފް ގެ ލެންގުއޭޖް ޕްރޮގްރާމްތައް ކުރިއަށްގެންދާ "ހަލްޓް އިންޓަރނޭޝަނަލް ބިޒްނަސް ސްކޫލް"އަށް ވަޑައިގެން އެ ސްކޫލް ބައްލަވާލައްވާ، އެތަނުގައި އީ.އެފް ގެ ލެންގުއޭޖް ޕްރޮގްރާމްތައް ކުރިއަށްގެންދަވާ ގޮތުގެ މައުލޫމާތު ހޯއްދެވި އެވެ.

އީ.އެފް އާއި އެޑިއުކޭޝަން މިނިސްޓްރީ އާއި މެދު ވެވޭ އެއްބަސްވުމުގެ ދަށުން މުދައްރިސުންގެ އިނގިރޭސި ފެންވަރު މަތިކުރުމަށް ކުރިއަށްގެންދަން ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމް ހިންގުމަށް، ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަން ނިންމުމަށް އީ.އެފްގެ އިސްވެރިންގެ ވަފުދެއް އަންނަ ފެބްރުއަރީ މަހު ރާއްޖެ އަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ތަމްރީން ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖައްސަންޖެހޭ އެންމެހާ އިދާރީ އިންތިޒާމްތައް ހަމަޖެހި އެޑިއުކޭޝަން މިނިސްޓްރީއާއި އީ.އެފް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރެވުމާއިއެކު، ވީ އެންމެ އަވަސް ފުރުސަތެއްގައި ތަމްރީން ޕްރޮގްރާމްތައް ފެށިގެންދާނެއެވެ.

އީ.އެފް ގެ އިސްވެރިންނާއި އެކު މިނިސްޓަރ އާއިޝަތު ޝިހާމް ބައްދަލުކުރެއްވި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ ގެ އަރިހުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޝަފީއުއާއި އެޑިއުކޭޝަން މިނިސްޓްރީގެ ފޮރިން ރިލޭޝަންސްގެ ހެޑް އާމިނަތު  ނަމްޒާ ބައިވެރިވެވަޑައިގެންނެވި އެވެ.