ދަސްވާރު ޕްރޮގްރާމްގެ ވޯޓަރ ސްޕޯޓްސް ގައި ބައިވެރިވާ ދަރިވަރުން ތަމްރީނުވުމަށް ސަން އައިލެންޑަށް ފުރައިފި


2016-08-22

 

ދަސްވާރު ޕްރޮގްރާމްގެ ދަށުން ވޯޓަރ ސްޕޯޓްސްގައި ބައިވެރިވާ ދަރިވަރުން ތަމްރީނުވުމަށް ސަން އައިލެންޑަށް ފުރައިފި އެވެ.

މިއަހަރު ބައެއް ދަރިވަރުން މޫދު ކުޅިވަރު ނުވަތަ ވޯޓަރ ސްޕޯޓްސްގެ ދާއިރާއިން މަސައްކަތް ދަސްކުރަން ޝައުޤުވެރިކަން ފާޅުކޮށްފައިވާތީ އެކަން ފުރިހަމަކުރުމަށްޓަކައި ވިލާ ކޮލެޖްއާ ގުޅިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ފެށި މަސައްކަތުން ވިލާ ކޮލެޖުން ކުރިއަށްގެންދަވާ ވޯޓަރ ސްޕޯޓްސް ކޯހުގައި 30 ދަރިވަރަކު މިއަހަރު ބައިވެރިވެފައިވެއެވެ.

މިކޯސް ކުރިއަށްގެންދަން ހަމަޖެހިފައިވަނީ ދެބުރެއްގެމަތިން ސަންއައިލެންޑްގައި ހުންނަ ވިލާ ކޮލެޖްގެ ކެމްޕަހުގައެވެ. މީގެތެރެއިން ފުރަތަމަ ބުރުގައި ބައިވެރިވާ 14 ކުއްޖަކު އިއްޔެ މެންދުރު ސަން އައިލެންޑަށް ދިއުމަށް ފުރާފައިވާ އިރު، ވިލާ ކޮލެޖުން ކުރިއަށްގެންދަވާ 'އެކުއަޓިކް ރެކްރިއޭޝަން' ކޯސް 2 މަސްދުވަހުގެ މުއްދަތަށް ފުރިހަމަކުރުމަށްޓަކައި މިކުދިން ސަންއައިލެންޑްގައި މަޑުކުރާނެއެވެ. 

މިއަންނަ އަހަރު ޓިވެޓް އޮތޯރިޓީއިން އައުޓްޑޯ ރެކްރިއޭޝަންގެ ނަމުގައި ލެވެލް 3 ކޯހެއް ތަޢާރަފްކުރުމުގެ މަސައްކަތް ވިލާ ކޮލެޖާއެކު ކުރެވެމުން އެބަދެއެވެ.

މި ޕްރޮގްރާމަކީ އެއްވެސް ކުއްޖަކު ބާކީނުކޮށް ތައުލީމް ދިނުމުގެ ސިޔާސަތުގެ ދަށުން ދަރިވަރުންނަށް އިތުރު ފަހި ފުރުސަތުތަކެއް ތަނަވަސް ކޮށްދިނުމުގެ ގޮތުންނާއި އަދި ދަރިވަރުން ދަސްކުރާހިތްވާ، ވަޒީފާގެ ބާޒާރުގައި ވަޒީފާ ލިބެންހުރި ދާއިރާތައް ދަރިވަރުންނަށް ތަޢާރަފްކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ދަސްވާރު ޕްރޮގްރާމަކީ 2014 ވަނަ އަހަރުން ފެށިގެން ގްރޭޑް 10 ގައި ތަޢުލީމް ހާޞިލްކުރަމުންދާ ދަރިވަރުންގެ ތެރެއިން މަސައްކަތާއި ހުނަރު ދަސްކުރަން ބޭނުންވާ ދަރިވަރުންނަށް އަމާޒުކުރެވިގެން ޓިވެޓް އޮތޯރިޓީއާ ގުޅިގެން ކުރިއަށްގެންދެވޭ ޕްރޮގްރާމެކެވެ. މިވޭތުވެދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި 557 ދަރިވަރުން މިހާތަނަށް ލެވެލް 3 ގެ ސަނަދު ހާޞިލްކޮށްފައިވެއެވެ.

2016 ވަނަ އަހަރު މުޅި ރާއްޖެއިން 168 ސްކޫލަކުން 1480 ދަރިވަރުން މިޕްރޮގްރާމް ފުރިހަމަކުރަމުން އެބަގެންދެއެވެ. މިޕްރޮގްރާމްގައި ދަރިވަރުން ޢަމަލީ މަސައްކަތުގެ ތެރެއިން މަސައްކަތުގެ ހުނަރާއި އިލްމު ދަސްކޮށް ޓިވެޓް އޮތޯރިޓީގެ ސަނަދު ހާޞިލްކުރެއެވެ. މިއަހަރު ތެރޭގައި ދަރިވަރުން ޢަމަލީ މަސައްކަތު ތަޖުރިބާ ހޯދުމަށްޓަކައި 275 އަށްވުރެ ގިނަ ކުންފިނިތަކަށް ދެއެވެ.