އޭޕީސީސީގައި ރާއްޖޭން ބައިވެރިވާ ދަރިވަރުންނާ މިނިސްޓަރ ބައްދަލުކުރައްވައިފި


2016-07-04

ޖަޕާނުގެ ފުކޯކާގައި އޮންނަ އޭޝިޔާ ޕެސިފިކް ޗިލްޑްރަންސް ކޮންވެންޝަން (އޭޕީސީސީ) ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމްގައި ރާއްޖޭން ބައިވެރިވާ ދަރިވަރުންނާ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ބައްދަލުކުރައްވައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި އޭޕީސީސީގައި ރާއްޖޭން ބައިވެރިވާ ދަރިވަރުންނާއި އަދި އެކުދިންގެ ބެލެނިވެރިންނަށް މުޚާތަބްކުރައްވާ ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި ޕްރޮގްރާމްގެ މަގްސަދަކީ ދިރިއުޅުމުގެ ސަގާފަތާއި އާދަކާދަ ހިއްސާކުރުމަށް އެއްބަޔަކު އަނެއްބަޔަކަށް އިހުތިރާމްކުރުމާއި އަދި ސުލްހަމަސަލަސްކަން ގާއިމުކުރުމުގެ ރޫހު ދަރިވަރުންގެ ކިބާގައި އުފެއްދުން ކަމަށެވެ.

އެހެންކަމުން މިނިސްޓަރ ވަނީ ދަރިވަރުންނަށް ސްކޫލް ދައުރުގައު ލިބޭ މިފަދަ ތަޖުރިބާތަކުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށް އިލްތިމާސްކުރައްވާފަ އެވެ.

އޭޕީސީސީ ޕްރޮގްރާމްގައި ބައިވެރިވުމަށް ރާއްޖޭން ދަރިވަރުން ހޮވާފައިވަނީ މާލޭ ސްކޫލްތަކުގެ ތެރެއިން ތިން ދަރިވަރަކާއި އަތޮޅުތެރޭގެ ސްކޫލްތަކުން ތިން ދަރިވަރެކެވެ.

މިއަހަރު މި ޕްރޮގްރާމްގައި ބައިވެރިވަނީ މާލޭ ސްކޫލްތަކުގެ ތެރެއިން ރެހެންދި ސްކޫލްގެ ދަރިވަރަކާއި، ދަރުމަވަންތަ ސްކޫލްގެ ދަރިވަރަކާއި އަދި ހިރިޔާ ސްކޫލްގެ ދަރިވަރެކެވެ.

އަތޮޅު ތެރެއިން މިއަހަރުގެ ޕްރޮގްރާމްގައި ބައިވެރިވަނީ ހއ. ކެލާ މަދަރުސަތުލް ޝައިޚް އިބްރާހިމްގެ ދަރިވަރަކާއި، އދ. ފެންފުށި ސްކޫލްގެ ދަރިވަރަކާއި އަދި ލ. އިހައްދޫ ސްކޫލްގެ ދަރިވަރެކެވެ.

މީގެ އިތުރުން މި ޓީމްގައި މިނިސްޓްރީގެ ފަރާތުން ބައިވެރިވާ އޮފިޝަލަކާއި ކުރިން މި ޕްރޮގްރާމްގައި ބައިވެރިވި ދަރިވަރެއްގެ ގޮތުން ސެންޓަރ ފޯ ހަޔާ އެޑިއުކޭޝަން (ސީއެޗްއެސްސީ)ގެ ދަރިވަރެއް ބައިވެރިވެފައިވެއެވެ.

މި ޕްރޮގްރާމަށް އަތޮޅުތެރެއިން ހޮވިފައިވާ ދަރިވަރުން ޖަޕާނަށް ފުރުމަށް މާލެ އައިސް މާލޭގައި ހޭދަވާ މުއްދަތުގައި އެ ދަރިވަރުންނަަށް މާލޭގެ ސްކޫލަތަކަށް ކިޔަވަންދިއުމުގެ އިންތިޒާމް ހަމަޖައްސައިދީފައިވާ އިރު، ޖަޕާނަށް ފުރުމުގެ ކުރިން ދަރިވަރުންނަށް ވަނީ ޖަޕާން ބަސް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފަ އެވެ.

އަދި ދަތުރުގައި ބައިވެރިވާ ދަރިވަރުންނާ އޮފިޝަލުންނަށް އަމާޒުކޮށްގެން ވަނީ ދެ ދުވަހުގެ ޓްރެއިނިންގ ކޭމްޕް އެއް ކުރިއަށް ގެންގޮސްފަ އެވެ.

އަށާވިސް ވަނަ އޭޕީސީސީ ޕްރޮގްރާމްގައި ރާއްޖޭން ބައިވެރިވާ ދަރިވަރުންގެ ޓީމް އަންނަ ހޮނިހިރު ދުވަހު ޖަޕާނަށް ފުރަން ހަމަޖެހިފައިވާ އިރު ދަރިވަރުން ޖަޕާނުގެ ޕުކޯކާގައި ދެ ހަފްތާ ހޭދަކުރާނެ އެވެ.

ޖަޕާނަށް ދިއުމަށްފަހު ފުރަތަމަ ހަފްތާ ދަރިވަރުންނާއި އޮފިޝަލުން ހޭދަކުރާނީ ކޭމްޕް ސައިޓްގައެވެ. އަދި ދެވަނަ ހަފްތާ ދަރިވަރުން ހޭދަކުރާނީ ފުކޯކާގެ އާއިލާއެއްގެ ކައިރީގަ އެވެ.

މި ޕްރޮގްރާމްގައި ދަރިވަރުން ފުކޯކާގެ ތަފާތު ތަންތަން ބަލާލުމަށް ޒިޔާރަތްކޮށް އަދި ސްކޫލްތަކަށް ޒިޔާރަތްކުރާނެއެވެ. އަދި ލީޑަރޝިޕްގެ އެކި ކަހަލަ ސިފަތައް ކުދިންނަށް ދަސްކޮށްދިނުމުގެ ވޯކްޝޮޕްތައް ބޭއްވުމުގެ އިތުރުން، އެކި ޤައުމުތަކުގެ ސަގާފަތާއި އާދަކާދަ ދައްކައިދިނުމުގެ އައިޓަމްތައް ހުށައެޅުން އޮންނާނެއެވެ.

މިއަހަރުގެ ޕްރޮގްރާމްގައި އޭޝިއަން-ޕެސިފިކް ސަރަޙައްދުގެ 40 ޤައުމަކުން ދަރިވަރުން ބައިވެރިވެރިވެއެވެ.

ޕްރޮގްރާމް ނިންމާލުމަށްފަހު ދަރިވަރުން އެނބުރި ރާއްޖެ އަންނާނީ  މި މަހުގެ 23 ވަނަ ދުވަހުއެވެ.

ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް އޭޕީސީސީ އިންވިޓޭޝަން ޕްރޮޖެކްޓްގެ ދަށުން ޖަޕާނަށް ދިއުމަށް އެންމެ ފުރަތަމަ ފުރުސަތު ލިބިފައިވަނީ 1990 ވަނަ އަހަރު އެވެ. އޭގެ ފަހުން މިހާތަނަށް ރާއްޖޭގެ އެކި ސްކޫލްތަކުން 200 އަށް ވުރެ ގިނަ ދަރިވަރުން ވަނީ މި ޕްރޮގްރާމްގައި ބައިވެރިވެފަ އެވެ.