މިއަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކޮންމެ ސްކޫލެއްގައި ހާއްސަ އެހިއަށް ބޭނުންވާ ކުދިންނަށް ހިދުމަތްދޭން ތަމްރީނުވެފައިވާ ޓީޗަރުން ތިބޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށްގެން މިއަދު ހެންވޭރު ދަނޑުގައި ބޭއްވި ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް 2015 ފަށްޓަވައިދެއްވަމުން މިނިސްޓަރ ވިދާޅުވީ ހުރިހާ ކުދިން ޝާމިލްކޮށްގެން ތަޢުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތު މިހާރު ވަނީ މުރާޖައާ ކުރެވިފައި ކަމަށެވެ.
އެގޮތުން ރާއްޖޭގެ ކޮންމެ ސްކޫލެއްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިން ކުދިންނަށް ކިޔަވައި ދެއްވުމަށް ޓީޗަރެއްގެ މަޤާމް އުފެދިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.
""މިއަހަރު ތެރޭ 58 މުދައްރިސަކު މިފަދަ ކުދިންނަށް ކިޔަވައިދިނުމަށް ޑިޕްލޮމާ ފެންވަރަށް ތަމްރީނު ވެފައިވާ އިރު، ސެޓްފިކެޓް ލެވެލް 3 ގެ ފެންވަރަށް 33 ޓީޗަރުން ތަމްރީނުކޮށް ނިންމޭނެ." މިނިސްޓަރ ވިދާޅުވި އެވެ.
އިތުރަށް މިނިސްޓަރ ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކުޅިވަރު މުބާރަތްތައް ބޭއްވުމަކީ އެކުދިންގެ ހުނަރުތައް ދައްކުވައިދޭން ލިބޭ ވަރަށް ބޭނުންތެރި ފުރުސަތެއްކަމަށެވެ.
ވަކިން ހާއްސަކޮށް ހާއްސަ އެހީއަށް ބޭނުންވާކުދިންނަށް މިފަދަ ކުޅިވަރުތަކުގެ ޒަރިއްޔާއިން ކަސްރަތާ ހެލިފެލިވެ އުޅުމަށް ލިބޭ މިފަދަ ފުރުސަތުތަކަކީ އެ ކުދިންގެ ސިއްހަތަށް ވަރަށް މުހިއްމުކަމެއް ކަން އެކަމަނާ ފާހަގަކުރެއްވި އެވެ.
"މީގެ ތެރެއިން ހާއްސަ ހުނަރުތައް ހުންނަކުދިންނަށް ބައިނަލް އަޤުވާމީ މިފަދަ މުބާރާތް ތަކުގައި ބައިވެރި ވުމުގެ ފުރުސަތު ލިބިގެންދިއުމަކީ މިފެސްޓިވަލުން ހާސިލްވެގެން ދާނެކަމެއްކަމަށް އަޅުގަނޑު ދެކެން." މިނިސްޓަރ ވިދާޅުވި އެވެ.
މިއަދުގެ ސްޕޯޓްސް ފެސްޓިވަލްގައި ކުދިން ބައިވެރިވެފައިވާ ކުޅިވަރުތަކުގެ ތެރޭގައި ބޯލް ރޯލިން ރިލޭ، ޓަނެލް ރޭސް، ދުވުން އަދި ބޮޑީ ތެރަޕީ ސޮކް ރިލޭ ފަދަ ކުޅިވަރުތައް ހިމެނެ އެވެ.
މި ފެސްޓިވަލްގައި 5 ސްކޫލާއި 4 ޖަމިއްޔާއަކުން ޖުމްލަ 225 ށް ވުރެ ގިނަ ކުދިން ވެފައިވެއެވެ.
މި ފެސްޓިވަލުގައި ސްކޫލްތަކުން ބައިވެރިވެފައިވަނީ ޖަމާލުއްދީން ސްކޫލް، އިމާދުއްދީން ސްކޫލް، އަމީނިއްޔާ ސްކޫލް، އަމީރް އަހުމަދު އަދި މުހިއްޔުއްދީން ސްކޫލެވެ. އަދި ފެސްޓިވަލްގައި ބައިވެރިވި ޖަމިއްޔާތަކުގެ ތެރޭގައި ހިމެނެނީ ކެއާ ސޮސައިޓީ، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން، ބިއުޓިފުލް އައިސް، ޑައުން ސިންޑްރޯމް އެސޯސިއޭޝަން އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ފިޒިކަލް ޑިސްއެބިލިޓީ އެވެ.