ސައުދީން ސްކޫލްތަކަށް ހަދިޔާކުރެއްވި ފޮތްތަކާއި މިނިސްޓްރީން ހަވާލުވެއްޖެ


2017-02-14

ސްކޫލްތަކުގައި އަރަބި ބަސް ކިޔަވައިދިނުމަށް ސައުދީ އަރަބިޔާއިން ރާއްޖޭގެ ސްކޫލްތަކަށް ހަދިޔާކުރެއްވި ފޮތްތަކާއި އެޑިޔުކޭޝަން މިނިސްޓްރީއިން ހަވާލުވެއްޖެ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން މި ފޮތްތަކާއި ހަވާލުވެވަޑައިގަތީ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް އެވެ.

ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމް ފުޅާކޮށް ދަރިވަރުންގެ އަގީދާ ވަރުގަދަ ކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވުމަށް ސައުދީން ވަނީ ރާއްޖެ އަށް ޖުމްލަ ސަތާރަ ހާސް ފައްސަތޭކަ އަރަބި ފޮތް ހަދިޔާ ކުރައްވާފަ އެވެ. އެއީ ގްރޭޑް 1ން 5ށް ކޮންމެ ގްރޭޑަކަށް 3500 ފޮތެވެ. މި ފޮތްތައް ބޭނުންކުރެވޭނީ ގްރޭޑް 1 ން 5 ކާއި ދެމެދުގެ ގްރޭޑް ތަކުގައި އަރަބި ބަސްކިޔަވާ ދަރިވަރުންނަށް އަރަބި ބަސް އުނގަންނައި ދިނުމަށެވެ.

މި ފޮތްތަކުގެ ގްރޭޑްތައް ވަކިކުރެވި ތަފްސީލީ މައުލޫމާތުތައް ރެކޯޑުކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާއިރު، މި މަސައްކަތް ފުރިހަމަކުރެވުނުހާ އަވަހަށް، ސްކޫލްތަކަށް ފޮތްތައް ފޯރުކޮށްދޭވޭނެ އެވެ.

ދަށް ގްރޭޑްތަކުގައި އަރަބި ބަސް ކިޔަވައިދިނުމަށް ސައުދީން ރާއްޖޭގެ ސްކޫލްތަކަށް އަރަބި ފޮތްތައް ހަދިޔާކޮށްދެއްވާފައިވާއިރު، މިދިޔަ އަހަރުގެ ތެރޭގައި ވެސް ސައުދީން ވަނީ ރާއްޖޭގެ ސްކޫލްތަކުގައި އަރަބި ބަސް އުނގަންނައި ދިނުމުގައި ބޭނުންކުރުމަށް އެއްލައްކަ ފޮތް ހަދިޔާ ކޮށްދެއްވާފައެވެ. އަދި ސްކޫލްތަކުގައި އަރަބި ބަސް އުނގަންނަވައިދެއްވުމަށް ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މިއަހަރުގެ ތެރޭގައި ވަނީ 17 ޓީޗަރަކު ރާއްޖެ ފޮނުވާފައެވެ.