މަންހަޖަށް ޓީޗަރުން އަހުލުވެރިކުރުވުމަށް ހިންގި މަސައްކަތު ބައްދަލުވުންތަކުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފި


2015-08-11

އާ ޤައުމީ މަންހަޖަށް ޓީޗަރުން އަހުލުވެރިކުރުވުމަށް ހިންގި ދެ މަސައްކަތު ބައްދަލުމެއް ފުރިހަމަކުރި 84 ޓީޗަރުންނަށް ސެޓްފިކެޓް ހަވާލުކޮށްފި އެވެ.

އިމާދުއްދީން ސްކޫލުގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ބައިވެރިންނަށްސެޓްފިކެޓް ހަވާލުކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އާދަމް ޝަރީފް އުމަރެވެ.

މި މަސައްކަތު ބައްދަލުވުން ތަކަކީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން އިންތިޒާމުކޮށްގެން މިދިޔަ މާރޗް މަހުގެ 26 އިން 28 އަށް އަދި ޖުލައި މަހުގެ 29 އިން 30ށް ކުރިއަށްގެންދެވި މަސައްކަތު ބައްދަލުވުންތަކެކެވެ.

މަސައްކަތު ބައްދަލުވުމުގައި ބައިވެރިވެފައިވަނީ މާލޭގެ 13 ސްކޫލެއްގެ ކީސްޓޭޖް އެކެއްގައި މަސައްކަތް ކުރައްވާ ޓީޗަރުންނެވެ.

ޖުމްލަ 15 ގަޑިއިރުގެ މައުލޫމާތު ދިނުމާއި އަމަލީ ތަމްރީން ދީގެން ކުރިއަށް ގެންދިޔަ މަސައްކަތު ބައްދަލުވުންތަކުގެ މައިގަނޑު މަގްސަދަކީ ޤައުމީ އާ މަންހަޖުގެ ދަށުން ކިޔަވައިދިނުމުގެ ހަރުދަނާ މާހައުލެއް ގާއިމް ކުރުމުގެ މުހިއްމުކަން ޓީޗަރުންނަށް އަންގައިދިނުމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، މިހާރު ރާއްޖޭގައި ތަންފީޒު ކުރެވެމުންދާ އާ ޤައުމީ މަންހަޖަކީ ދަރިވަރުންގެ އުނގެނުމަށާއި، ޓީޗަރުންގެ އުނގަންނައިދިނުމަށް ހެޔޮ ބަދަލުތަކެއް ގެންނާނެ މަންހަޖެއް ކަމަށެވެ.

"އާ މަންހަޖުގެ ދަށުން ދަރިވަރުންނަށް އުނގެނުމަށް ހަވާލު ކުރެވޭ މަސައްކަތް ތަކަކީ އެ ދަރިވަރުން އަމަލީ ދިރިއުޅުމަށް ތައްޔާރުކުރުމަށް ހަވާލުކުރެވޭ މަސައްކަތްތަކެއް." ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި އާ މަންހަޖުގެ ދަށުން ކުދިންނަށް އުނގަންނައިދޭއިރު ބަލަން ޖެހޭނީ އެ ކުދިންނަށް މުޖުތަމައުގައި ބޭނުން ހިފޭނެ ކަންތައްތަކެއް ދަސްކޮށްދިނުމަށް ކަމަށެވެ.

މި މަސައްކަތު ބައްދަލުވުންތަކުގައި ބައިވެރިންނަށް ކިޔަވައިދީފައިވަނީ ކިޔަވައިދިނުމުގެ ހަރުދަނާ މާހައުލެއް ޤާއިމްކުރުމަށް އެކްޝަން ރިސާރޗް ގެ މުހިއްމުކަމާއި ބެހޭ ގޮތުންނާއި، އެކްޝަން ރިސާޗެއް ފަރުމާކޮށް ހިންގާނެގޮތާއި ބެހޭ ގޮތުންނެވެ.

އަދި ޑާޓާ ހޯދާ އެނަލައިޒް ކުރާނެގޮތާއި، ސްކޫލް ތަކުގައި ރިސާރޗް މާހައުލެއް ޤާއިމްކުރުމާއި ގުޅޭ ގޮތުންނާއި، ތައުލީމީ ދާއިރާގައި ހުރި މައްސަލަތައް ފާހަގަކޮށް ހިއްސާ ކުރާނެ މާހައުލެއް ޤާއިމް ކުރުމާއި ބެހޭ ގޮތުންވެސް މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިންނަށް މައުލޫމާތު ހިއްސާކޮށްފައި ވެއެވެ.

މި މަސައްކަތު ބައްދަލުވުންތަކުގައި ބައިވެރިވެލެއްވި ޓީޗަރުންނަށް ކިޔަވައިދެއްވީ އެން.އައި.އީގެ ތަޖުރިބާކާރު ބޭފުޅުންނެވެ.