ޓީޗަރުންނަށް ޚާއްސަކޮށްގެން ލޯން ސްކީމެއް ބީއެމްއެލް އިން ތައާރަފްކޮށްފި


2015-05-12

ރާއްޖޭގެ ޓީޗަރުންނާއި ލެކްޗަރާއިންނަށް އަމާޒުކުރެވިގެން ޚާއްސަ ލޯން ސްކީމެއް ބެންކް އޮފް މޯލްޑިވްސް( ބީއެމްއެލް) އިން މިއަދު ތައާރަފްކޮށްފި އެވެ.

މި ލޯން ސްކީމް ތައާރަފް ކުރުމަށް ދަރުބާރުގޭގައި މިއަދު އޮތް ރަސްމިއްޔާތުގައި ލޯން ސްކީމް ތައާރަފް ކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިސަރުކާރުން ޓިޗަރުންނަށް ވަރަށްބޮޑު އަހައްމިއްޔަތުކަމެއްދެއްވައި ގިނަ ކަންތައްތަކެއް ޓީޗަރުންނަށްފޯރުކޮށްދެނީ ޓީޗަރުންނަކީ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާ ބަޔެއް ކަމުގައި ވާތީކަމަށެވެ.

"ނުހަނު ވިސްނުންތެރިކަމާއެކު ފިލާވަޅުތަކަށް ތައްޔާރުވެގެން ކޮންމެ ދުވަހަކު ދަރިވަރުންނާ ބައްދަލުކޮށް،އެހާމެ ލޯތްބާ އިޙްތިރާމާއެކު ދަރިވަރުންނަށް އެތަކެއް ދަރުސުތައް ދެއްވައި، ތަރުބަވީ ތަޢުލީމެއްގެ ތެރެއިން ޤައުމަށް ފައިދާހުރި މުވާޠިނުންތަކެއް ބިނާކުރެވޭތޯ އަމަލީގޮތުން މަސައްކަތްކުރައްވާ ބަޔަކީ މި ޤައުމުގެ ޚިދުމަތްތެރި މުދައްރިސުން."

މިނިސްޓަރ ވިދާޅުވީ މި ސަބަބުތަކަށްޓަކައި ރައީސް ޔާމިންގެ ސަރުކާރުން ޓީޗަރުންގެ މުސާރައަށް ހެޔޮބަދަލުތައް ގެނެސްދީފައިވާނެކަމަށާއި އަދި މިނޫނަސް ތައުލީމީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ގިނަ ފުރުސަތުތަކެއް ޓީޗަރުންނަށް ދެމުންގެންދާކަމަށެވެ.

އެގޮތުން މި މިހުޅުވާލެވުނު ލޯންގެ ފުރުޞަތުގެ ސަބަބުން ދިރިއުޅުމުގައި މުދައްރިސުންނަށް ދިމާވާ މުހިއްމު ކަންކަން ކުރުމުގައި އެހީތެރިކަމުގެ އަތެއްފޯރުކޮށްދެވިގެންދާނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ސްކީމްގެ ދަށުން އިތުރު ރަހުނެއް ބެހެއްޓުމަކާ ނުލައި ޓީޗަރުންނަށް ފަންސާސް ހާހާ އެއްލައްކަ ރުފިޔާއާ ދެމެދުގެ އަދަދުތަކުން ބީއެމްއެލް އިން ލުއިލޯނު ލިބޭގޮތް ހަމަޖެހިގެން ދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ވަނީ މިފަދަ ލޯން އެހީގެ ފުރުސަތެއް ބީއެމްއެލްގެފަރާތުން މުދައްރިސުންނަށްޓަކައި ފަހިކޮށްދެއްވި ކަމަށްޓަކައި އެ ބެންކްގެ ސީއީއޯ އަދި މެނެޖިންގ ޑިރެކްޓަރ މރ. އެންޑްރޫ ހީލީ، އާއި ބޯޑުގެ މެމްބަރުން އަދި ބޭންކުގެ ހުރިހާ މުވައްޒަފުންނަށް ޝުކުރުދަންނަވާފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މރ. އެންޑްރޫ ހީލީ ވިދާޅުވީ ޓީޗަރުންނަކީ މުޖުތަމައުއަށް ވަރަށް އަގުހުރި ޚިދުމަތްތަކެއްކުރައްވާ ބައެއްކަމަށްވީއިރު ޓީޗަރުންނަށް އަމާޒުކޮށްގެން މިފަދަ ލޯނެއް ތައާރަފްކުރެވިގެން ދިއުމަކީ ބީއެމްއެލް އަށް ލިބޭ ފަޚްރެއްކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓްރީގެ އިސްވެރިންނާއި ބެންކް އޮފް މޯލްޑިވްސްގެ ބައެއް އިސް ބޭފުޅުން ބައިވެވަޑައިގެންނެވިއެވެ.